Saturday, September 29, 2007

ވިލާ ސްކޮލަރުން މައިސޫރަށް އައީ މިނީ ބަހެއްގައެއްނޫން

ސެޕްޓެމްބަރު ގައި '' ކުރޮޅި '' އެކޭ ކިޔާ ފޮޅިއެއްގައި ވިލާ ސްކޮލަރުންނާއި ބެހޭ ގޮތުން އަނެއްކާވެސް އިތުރު ދޮގުތަކެއް ހަދައިފިއެވެ. އެއް ދޮގު ހަދައިފިނަމަ އެ ފޫބެއްދުމަށް އިތުރު 40 ދޮގު ހަދަންޖެހޭނެކަމަށް އިސްލާމްދީނުގައި އޮތީ އަންގަވާފައެވެ. އޭ އަޙާއެވެ. މިފަދަ ބޮޑު އަޅުކަމުގެ މައްސަރެއްގައި ތިޔަ ވަރަށް ދޮގު ނުހަދާށެވެ. ކަނޑައެޅިގެން ދޮގު ހެދުމަކީ ހާދަހާވާ ބޮޑު ފާފައެކެވެ. އަވަހަށް ތަޢްބާވުމަށް ނަސޭޙަތްތެރިވަމެވެ

ވިލާ ސްކޮލަރުން މައިސޫރަށް އައީ 21 މީހުންނަށް އެރޭވަރުގެ މިނީ ބަހެއްގައި ކަމަށް ތިޔަ ބުނަނީ ކޮންތާކުން ހޯދި މަޢުލޫމާތަކަށް ބުރަވެ ހެއްޔެވެ. އަޅުގަޑުމެން މައިސޫރަށް އައީ '' 50 މީހުންގެ ޖާގައިގެ ގްރީން ލައިފް ވޮލްވޯ '' ބަހެއްގައެވެ. އަޅުގަޑުމެންގެ 25 ދަރިވަރުން އަންނަން އޮތް ކަމުގައި ވީނަމަވެސް އެންމެ ފަހު ވަގުތު އައީ މިހާރު މިތިބަ 21 ދަރިވަރުންނެވެ. އަޅުގަޑުމެންގެ ދަތުރަކީ ވިލާ ފައުންޑޭޝަނުން ކުރިންސުރެ ހަމަޖައްސަވާފައިވާ ދަތުރެއްކަމުން ދަތުރު ރޭވިފައި އޮތީ 25 ދަރިވަރުންނާއި އަދި ބެލެނިވެރިންނަށްވެސް އެކޮމެޑޭޓް ކޮށްދެވޭނޭ ގޮތަށެވެ. މިގޮތުން 50 ޝީޓްގެ ވޮލްވޯ ބަހެއް ކުއްޔަށް ހިފީ -/9000 އިންޑިޔަން ރުޕީސްއަށެވެ. ބަހަށްދެއްކި ފައިސާ ދެއްކީ އަޅުގަޑުމެން ދަރިވަރުންނަށް ބަހާލައިގެން ކޮންމެ ދަރިވަރަކަށް 428.57 ހަތަރުސަތޭކަ އަށާވީސް ރުޕީސް ފަންސާސް ހަތްލާރިއެވެ. ބަހަށްދެއްކި ފައިސާ ދައްކާފައިވާނީ އަޅުގަޑުމެންނާއި އަދި އަޅުގަޑުމެނާއި ޙަވާލުވެހުރި ފަރާތް އެއް ޙާސިރެއްގައި ބަހުގެ ޑްރައިވަރަށެވެ. ބަހުގެ ބިލް ބަލައިގަތުމަށްފަހު އެވެ. އެހެންކަމުން މިކަމުގައި އެއްވެސް ކަމެއް ފޮރުވިފަ ނުވާކަން އެއީ ސައްތައިން ސައްތަ ޔަޤީން ކަމެކެވެ. އެހެނީ ތިޔަ ފަރާތުންވެސް ތިޔަ ބުނަނީ ވޮލްވޯ ބަހެއްގެ ކުއްޔަކީ -/9000 ރުޕީސް ނޫން ތޯއެވެ. އެހެންކަމުން ތިޔަ ހިފުނީ އަމިއްލަ އަތުން އަމިއްލަ ކަރުގައި ދެއްތޯއެވެ؟

ދެންތިޔަ ބުނާ ސްބާޝްނަގަރުގައި ހުރި ވިލާ ގޭގައި 3 ފިރިހެން ކުދިން އެއްކޮޓަރިއަކު އުޅޭ ވާހަކަ އެއީ ތެދެކެވެ. އެހެންނަމަވެސް އެއީ އަޅުގަޑުމެން އަމިއްލައަށް ނިންމި ނިންމުމެކެވެ. މިގޭގެ މި ފަންގިފިލާއަކީ 4 ކޮޓަރީގެ ތަނަކަށް ވިޔަސް މިއީ އުސޫލެއްގެ ގޮތުން 2 އެޕާރޓްމަންޓް ( 1 ކޮޓރީގެ އާއި 3 ކޮޓަރީގެ ) އެވެ. މީގެ ތެރެއިން 4 އަންހެން ދަރިވަރުން އުޅެނީ 3 ކޮޓަރީގެ ބައިގައެވެ. އަޅުގަޑުމެން އުޅެނީ 1 ކޮޓަރީގެ ބައިގައެވެ. މިއީ ދެ ޖިންސްގެ ކުދިން ވަކިން އުޅުމަށް ހެދުނު ގޮތެކެވެ. މިގޭގެ ވެރިފަރާތުން ފުރަތަމަ ކި ކުއްޔަކީ -/10000 ( ދިހަހާސް އިންޑިޔަން ރުޕީސް ) އެވެ. މި ކުއްޔަށް ދިވެހި އެހެން ފަރާތަކުން ތަން ހިފަން ހުށަހަޅާފައިވަނިކޮށް، އަޅުގަޑުމެނަށް -/9000 ( ނުވަހާސް ރުޕީސް ) އަށް ލިބިފައި މިހިރީ ކުލި ކުޑަނުކޮށް ބޮޑުކޮށްތޯައެވެ؟ ނޫނީ ކުލި ކުޑަކުރަން މަސައްކަތް ނުކުރެވި ތޯައެވެ؟ މީހަކުދެކެ ރުޅިއައިސް ވާހަކަ ދެއްކިޔަސް ތީ ދެން ބޮޑުވަރެއް ނޫންތޯއެވެ. އަޅުގަޑުމެން މިގޭގެ ކުލި ބަހާފައިވަނީ 7 ކުދިންނަށް އެއްވަރަކަށެވެ. ކޮންމެހެން ރޫމްގެ ނިސްބަތަކުންނެއް ނޫނެވެ. މިގެ ފެނުނު ހިސާބުން ފެށިގެން ހުރިހާ ކަމެއްވެސް ނިންމީ އަޅުގަޑުމެން އަމިއްލައަށެވެ. ހަމައެކަނި މަޝްވަރާ ދިނުން ފިޔަވައި މިކަމުގައި މިތާހުރި ވިލާ ފައުންޑޭޝަންގެ ރެޕްރެޒެންޓޭޓިވްގެ އެއްވެސް ދަޢުރެއް ނޯންނާނެއެވެ. އަޅުގަޑުމެންގެ ކަންތައް ނިންމަނީ މިނިވަންކަމާއެކުއެވެ

އަޅުގަޑުމެންގެ ބްރެއިން އެއްވެސް ފަރާތަކަށް ވޮޝް ނުކުރެވޭނެއެވެ. އެހެންނަމަވެސް އަޅުގަޑުމެންގެ ތެރޭގައި ހިމެނޭ ޓެރީޝިއަން ކޮލެޖުގައި ކިޔަވާ 4 އަންހެން ދަރިވަރެއްގެ ބްރެއިން ވޮޝްކޮށް އެކަނި ދިރިއުޅޭ އެކުދިންނަށް ބިރުދައްކައި ފާޑެއްގެ ޕެޓިޝަނެއްގައި ސޮއިކުރުވީ ކޮންބަޔަކުތޯއެވެ. އެކަންކުރީ ތިޔަ މީހުންނެވެ.
ނިންމާލަމުން ބުނެލަންއޮތީ ތިޔަ ކުޅޭ ޒާތީ ކުޅިވަރުގެ ތެރެއަށް އަޅުގަޑުމެން ނުވައްދާށެވެ.